ހުޅުމާލެ 2 ގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ބައްޕައަކާއި ދަރިއަކަށް އަނިޔާވެ ބައްޕަގެ ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ރޭގައި ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ހިނގި އެ އެކްސިޑެންޓެއްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޯމަ ދުވަހު ހެނދުނު 7:44 ގައި ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 62 އަހަރުގެ ފިރިހެނަކާއި ސައިކަލް ފަހަތުގައި އިން އުމުރުން 24 އަހަރުގެ ފިރިހެނަށް އެކިވަރު އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އުމުރުން 62 އަހަރުގެ މީހާ އަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ ސައިކަލާއި ކާރެއް ޖެހިގެންނެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.




