ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުގެ ބެލްކަނި އަދި ކުޑަދޮރު ފަދަ ހާމަ ތަންތަންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެ ތަންތަން ބަންދުވާނެހެން ރޭލިން ހަރުކުރަން، އެޗްޑީސީއަށް އާންގަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ރަސްމީ އާއްމު ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އެވެ.
ޒަހިއްޔާ ވިދާޅުވީ، ފަހަކަށް އައިސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ އަދަދު އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އުސް އިމާރާތްތަކުން ވެއްޓުން ފަަދަ ހާދިސާތަކަށް ދާއިމީ ހައްލެއް ގެންނަންޖެހޭ ކަމަށެވެ.
މިފަދަ ހާދިސާތައް ހުއްޓުވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އުސް ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ފަދަ ހުޅުވިފައި ހުންނަ ތަންތަނުގައި ރޭލިން ހަރުކުރުން ހިމެނޭކަން ވެސް ޒަހިއްޔާ ފާހަގަ ކުރެއްވިއެވެ.
”އެހެންވީމާ މިފަދަ އުސޫލުތަކަށް ރާއްޖޭގައި ވެސް އަމަލުކުރަން އެބަޖެހޭ. ކުރިއަށް އޮތް ތަނުގައި މިކަން ނުކޮށްފިނަ އެތައް ފުރާނައެއް ގެއްލުމުގެ ފުރުސަތު އެބައޮތް“ ޒަހިއްޔާ ވިދާޅުވިއެވެ.
މިކަން މިގޮތަށް ކުރަން އެޗްޑީސީއަށް އަންގަން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.



