އިއްޔެގެ ހެނދުނު ހެނދުނާ މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހާލު ސީރިއަސްވި ޒީވާ ސިނާން އަހުމަދު (ޒީޒީ) މި ދުނިޔެއިން ވަކިވެގެން ދިޔަ ޚަބަރެވެ.
އުމުރުން ނުވަ އަހަރުގެ ޒީވާ ނިޔާވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޒީވާގެ ކުއްލި ވަކިވުމާއެކު އެކިކަންކޮޅުތަކުން މީހުން ހިތާމަކޮށް ޒީވާގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ޒީވާއަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ. އެންމެންގެ ހިތްތަކުގައި ވެސް އެންމެ ބޮޑަށް އުފެދުނު ސުވާލަކީ، ޒީވާގެ ވަކިވުމާއެކު އޭނާގެ އާއިލާއަށް ވަމުންދާނެ ގޮތަކާމެދުއެވެ.
އެއާއެކު އެންމެންގެ ނަޒަރު ރެއާއި މިއަދު ދެން ހުއްޓުނީ، ޒީވާގެ ބައްޕަ ހުސެއިން ސިނާނު ސޯޝަލް މީޑިއާއަށް ދޫކޮށްލި އަސަރުގަދަ މެސެޖުތަކަކަށެވެ. ޒީވާގެ ގިނަ ފޮޓޯތަކަކާއި ވީޑިއޯތަކަކާއެކު ސިނާނު ހިއްސާކުރީ ޒީވާއާ ބެހޭގޮތުން އިތުރު މައުލޫމާތެވެ. އަދި އެ ދަރިފުޅާމެދު އަބަދުވެސް ނުހަނު ފަޚުރުވެރިވާ ކަމެވެ.
”މޮނީޓަރުން އަރަމުން ދިޔަ ރޮނގުތައް ސީދާވެ، މިއަށް ވުރެ ރަނގަޅު މަންޒިލަކަށް ދަތުރު ފެށުމާއެކު މި ބައްޕަ ފަހުރުވެރިކަމާއެކު ދަރިފުޅު ގާތުގައި ހުރީމެވެ. ދަރިފުޅު ދުނިޔޭގައި ހުރި އިރު ވެސް ބައްޕަ ހުރި ގޮތަށެވެ. އެ ވަގުތު އެންމެންނަށް ހިނިތުންވެލީމެވެ. ބައްޕަގެ މޫނު ހެކިދޭނެ އެވެ: ތިއީ ބައްޕަގެ ދަރިފުޅު، ޒީވާ ސިނާން އަހުމަދެވެ. ދަރިފުޅު ބައްޕައަށް ހާދަ ކަންތައްތަކެއް ދަސްކޮށްދީފި އެވެ. އަދި ދަރިފުޅާ އެކު ހޭދަކުރި ކޮންމެ ވަގުތަކާ މެދު ބައްޕަ މިހުރީ ފުދިގެންނެވެ“ ސިނާން ލިޔެފައިވެއެވެ.
ސިނާން ބުނި ގޮތުގައި ޒީޒީއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އޭގެއިތުރުން އޭނާގެ ދަރިފުޅަށް ދެއްވާފައިވަނީ ބޮޑު ހިތެކެވެ.
”އޭނާގެ ކޮއްކޮމެންނާ މެދު އިންތިހާއަށް ފަހުރުވެރިވެއެވެ. އޭނާ ރާޒުވާ ކުޅޭ ހިތްވެ އެވެ. ދޫފުރޮޅިތަކުން ބައްޕަ ބަލިކޮށްލަން އުޅެއެވެ“ ދަރިފުޅުގެ މަތިން ހަނދާން ކުރަމުން ސިނާން ލިޔެފައިވެއެވެ.
މީގެއިތުރުން ސިނާން ފާހަގަކުރި ގޮތުގައި ޒީޒީގެ ތޮބީއަތުގައިވި އޯގާތެރިކަމާ އެއްގޮތަށް، އެނާ މެޑިސިން ކިޔަވަން ވެސް އުއްމީދު ކުރިއެވެ.
ދަރިފުޅާއެކު ހޭދަކުރި ސާދާ ވަގުތުތައް އޭނާ ހިއްސާކުރި އެވެ: ބައްޕައަށް ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު ދަރިފުޅަށް ކައްކައިދޭ ކުކުޅު ރިހަ އެވެ. ދަރިފުޅަށް އަޅައިދޭ ’ސަނީސައިޑް އަޕް‘ ބިސްގަނޑެވެ. ވަކި ރެސްޓޯރަންޓަކަށް ގޮސް، ޒީވާ، ކުކުޅާއި ބަތް އަދި ބައްޕަ، ބާގާއެއް ކާލުމެވެ.
ސިނާން ބުނިގޮތުގައި ކާއެއްޗެއް ކާލަން މަޑުކޮށްލާ ވަރަށް ވުރެ ވެސް ދަރިފުޅު، ދިރިއުޅުމަށް އޮތް ޝައުގުވެރިކަން ބޮޑެވެ. ޒީވާ ވަކިވީ، ދެބަފައިން އެކުގައި ލާމު އަތޮޅަށް އުނގެނުމުގެ ދަތުރެއް ދާން ނިންމާފައި އޮއްވައެވެ.



