އުމްރާގެ އަޅުކަމަށް ފައިސާ ނެގުމަށް ފަހު އެ ދަތުރު ހަމަޖައްސައިދީފައި ނުވާތީ، އަސްކޮއި އުމްރާ ގުރޫޕާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔުމަށް ފައިސާ ދެއްކި ހަ މީހެއްގެ ފަރާތުންނެވެ. އެ ފަރާތްތަކުން ދައުވާކޮށްފައި ވަނީ، ދަތުރަށް ޚަރަދުކުރި 155،700 ރުފިޔާގެ އިތުރުން، ޝަރީއަތަށް ހިނގި ޚަރަދުގެ ގޮތުގައި 42،000 ރުފިޔާ ނަގައިދިނުމަށެވެ.
ނަމަވެސް، ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ ޝަރީއަތުގެ ޚަރަދު އެ ކުންފުނިން ދައްކަންޖެހޭނެކަމަށް ކަނޑައެޅޭނެ ޝަރުއީ ހަމައެއް ނެތް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތަކުގައި އަސްކޮއި ގުރޫޕާއި އެ ކުންފުނީގެ އެމްޑީ އަބްދުﷲ ރަޝީދު ވަނީ ދައުވާކުރި ފަރާތްތަކަށް އެ ފައިސާ އަނބުރާ ރައްދުކުރުމަށް އެއްބަސްވެފައެވެ. އެހެންކަމުން، ކޯޓުން އަމުރުކޮށްފައި ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުމަށެވެ. އެގޮތަށް ބަހާލުމުން، މަހެއްގެ މައްޗަށް ދައްކަން ޖެހެނީ ގާތްގަނޑަކަށް 6،500 ރުފިޔާއެވެ.
މީގެ ކުރިން ވެސް އަސްކޮއި ޓްރެވަލް ސާވިސަސް ލިމިޓެޑުން އާންމުންގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިފަދަ މައްސަލަތައް ތަކުރާރުވުމާ ގުޅިގެން، އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދޫކޮށްފައި އޮތް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފަހައްޓައި ފިޔަވަޅު އަޅާފައެވެ.


