ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ފްލެޓުތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ރޭގައި ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ އެފްޑީސީން ތަރައްގީ ކޮށްފައިވާ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމާއި އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ މަޝްވަރާތައް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށްވާއިރު، އެފްޑީސީގެ ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.
މިގޮތުން، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ހަމްދާން ލިޔުއްވާފައިވެއެވެ.
ސަލާމަތީ އިތުރު ފިޔަވަޅުތަކެއް އެފްޑީސީ ފުލެޓުތަކުގައި އަޅާ ކަމަށް ވިދާޅުވި ނަމަވެސް، އެ ފުލެޓުތަކުގައި އަޅާ ފިޔަވަޅުތަކުގެ ތަފުސީލެއް ހަމްދާން ދެއްވާފައެއް ނުވެއެވެ.



