މިމަހުގެ 15 އިން ފެށިގެން ދިވެހިންނަށް ތައިލެންޑުގައި ވިސާއާ ނުލާ އެއް މަސް ދުވަހަށް ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ތައިލޭންޑް ގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެބަދަލުތަކަށް ޢަމަލުކުރަން ފެށިގެންދާނެ ކަމަށެވެ.
ތައިލޭންޑް ގެ ވިސާއަށް މިގެނައި ބަދަލާގުޅިގެން 15 ސެޕްޓެމްބަރ 2026 އިން ފެށިގެން އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ވިސާއާ ނުލައި، އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. އަދި ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ދޭޤައުމުތަކުގެ ލިސްޓުގައި ކަމަށްވާތީ، 29 ޖޫން 2026 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ދެ މިނިސްޓަރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ވަނީ އިތުރުކޮށްދީފައެވެ.



