މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓުވުމަށް ޕާކުކުރުން މަނާކަން އަންގައިދޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އިއްޔެ ފަށައިފިއެވެ.
ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލީ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މާފަންނު ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދަމާފައިިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރުމުން އެ ތަންތަނުގައި ޕާކު ނުކުރެވޭނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ފެށި މި މަސައްކަތަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ، އަމާން ތަނަކަށް ހެދުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ރޮނގު ދެމުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.


