މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެ އިން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ، ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނިގޮތުގައި އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
އެގޮތުން ކޯޓު އަމުރުގެ ދަށުން، މާލެ، މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ނަޖީޙް 15 ދުވަހަށް އަދި އާމިނަތު ޝަހާމާ ޙަމީދު ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



