ކުޑަ ކުއްޔަކަށް ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ކުލި އަލުން ކަނޑައަޅަން އަލަށް ފާސްކުރި ގާނޫނުގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތެއް އެކަމަށް ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީގު ކުރެއްވި ފަޅު ރަށްރަށާބެހޭ އާ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި ދިވެހިރާއްޖޭގެ ފަަޅުރަށްރަށާ ބެހޭ ގާނޫނު އުވުނީ އެވެ. އަދި އާ ގާނޫނަށް އަމަލުކުރަން ފަށާނީ އެ ގާނޫނު ތަސްދީގު ކުރާތާ އެއް މަސް ފަހުންނެވެ.
ދޫކުރާ ބޭނުމަކާ ގުޅޭގޮތަށް ފަޅުރަށްތަކުން ކުލި ނަގާނެ ރޭޓްތަކާއެކު ހެދި އާ ގާނޫނުގައިވާ ގޮތުން، މިހާރު ދޫކޮށްފައި ހުރި ރަށްތަކުގެ އެއްބަސްވުންތައް އެ ގާނޫނަށް ފައްތަން ޖެހެ އެވެ. އަދި ކުރީގެ އެއްބަސްވުންތައް އާ ގާނޫނަަށް ފައްތަން ކުރަންޖެހޭ އެއް ކަމަކީ އާ ގާނޫނުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އަލުން ކަނޑައެޅުމާއި އާ ގާނޫނުގައިވާ ރޭޓުން ކުލި އަލުން ކަނޑައެޅުމެވެ.
އެ ރޭޓުން ކުލި ކަނޑަައަޅައި، އެ ގާނޫނާ އެއްގޮތަށް މުރާޖައާކުރާ އެއްބަސްވުމަށް އަމަލުކުރަން ފަށަން ޖެހޭނީ އާ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަސް ފަހުން ކަމަށް އެ ގާނޫނުގައިވެއެވެ.


