ސަރުކާރުގެ ކެބިނެޓްގައި މިހާރު ރުހުން ނުލިބި ތިއްބެވި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކެބިނެޓަށް ރުހުން ދިނުމަށް މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދެއްވިއިރު، ތިން ވަޒީރަކަށް ރުހުން ދެއްވާފައެއް ނުވެއެވެ. އެއީ، ބަންޑާރަނައިބު އަހުމަދު އުޝާމްގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އެތިން ބޭފުޅުންނަށް އޭރުގެ މަޖިލީހުން ރުހުން ނުދެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ތިން ބޭފުޅުން ވަޒީރުކަމަށް އަލުން އައްޔަނު ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ތިން ބޭފުޅުންގެ ނަންފުޅު އަލުން ރުހުން ހޯދުމަށް މަޖިލިސްގެ އިދާރާއަށް ފޮނުއްވާފައިވާއިރު، މިހާރު މި ތިން ބޭފުޅުންނަށް ރުހުންދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފަ އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން މި ތިން ބޭފުޅުންނަށް ރުހުން ނުލިބުނު ކަމުގައިވީ ނަމަވެސް މާދަމާ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ތިން ބޭފުޅުންނަށްވެސް ރުހުން ލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އެއީ، ވަޒީރަކަށް ރުހުން ދިނުމަށް ވޯޓް ބޭނުންވާ އަދަަދަށްވުރެ ގިނަ ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރާ މެންބަރުން މިފަހަރުގެ މަޖިލީހުގައި ތިއްބެވުމުންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެރިކަންކުރާ މައިޕާޓީ ޕީއެންސީއަށް ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެކެވެ. ޕީއެންސީ މެންބަރުން ފިޔަވައިވެސް ސަރުކާރަށް ތާއީދު ކުރާ އެހެން ތިން ޕާޓީއެއްގެ 4 މެންބަރުން އެބަތިއްބެވެ. އެހެންކަމުން 75 މެންބަރުންގެ ޖުމްލަ ވޯޓުން ތިން ވަޒީރުންނަށް ރުހުން ލިބިގެންދާނެއެވެ.



