ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގައި ރެނދު އަޅުވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހެއްދެވޭނެ އެއްވެސް ”ފަންޑިތައެއް“ ނުވަތަ ”ސިހުރެއް“ ނޯންނާނެ ކަމަށާއި، ޕާޓީގެ ލީޑަޝިޕް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ވަރަށް ވަރުގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭގައި ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒާއެކު އެބޭފުޅުން ސާބިތުވެ ތިއްބެވީ ފުރިހަމަ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ކަމަށެވެ. އަދި ރައީސް ޔާމީނަށް ޕީއެންސީ ރޫޅާނުލެއްވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ރައްޔިތުން އިންތިހާބުކޮށްފައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގެ ކުރިއަށް އެ މަގާމުގެ ނަން ގެންނަން ނުކެރޭ ހިސާބަށް ވެރިކަން ކުރެއްވި ބޭފުޅެއްގެ ފެންވަރު ދިޔުމުން، އެމަނިކުފާނުގެ ހިތްޕުޅުގައި އަށަގެންފައިވާ ހަސަދަވެރިކަމުގެ ބޮޑުމިން ވަރަށް ރަނގަޅަށް ހާމަވޭ. ރައީސުލްޖުމްހޫރިއްޔާގެ ލަގަބަކީ ވަކި މީހަކަށް ހާއްސަ ނަމެއް ނޫން“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތް އަދި ނުނިމޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ބަސްނޭހުމާއި، އަދުލު އިންސާފު ގާއިމުނުކުރުމާއި، ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމާއި، އަނބިކަނބަލުންގެ ދަށުވުމުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



