ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ބުނީ، ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:54 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ދެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
މި ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގުން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން، މިކަމަށް ގެނެސްދެވޭނެ ހައްލަކާ ގުޅޭގޮތުން ފުލުހުންނާއި އެޗްޑީސީން މިދިޔަ ހަފްތާގައި ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.



