އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދަން ބޭނުންވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ހިންގާ އިންޓާންޝިޕްގެ 13 ވަނަ ބުރުގައި ބައިވެރިވާން އެދޭ ޑޮކްޓަރުން މި މަހުގެ 24ގެ ކުރިން، ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ނޭޝަަލް ހެލްތު ކެއާ އެކަޑެމީއަށް ފޯމު ހުށަހަޅުމަށް އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
މި އިންޓާންޝިޕް ފަށަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށް ފޯމު ބަލައިގަންނާނެއެވެ.
އިންޓާންޝިޕަށް ކުރިމަތިލާއިރު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ ކޮޕީއަކީ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެ އެވެ.
މީގެއިތުރުން ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ”ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން“ ސެޓްފިކެޓް ވެސް ހުށަހަޅަން ޖެހެއެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕަށް އާއްމުކޮށް ހުޅުވާލަނީ 15 ޖާގައެވެ. ނަމަވެސް، މި ފަހަރު އެ އަދަދު ވަނީ 24 އަށް އިތުރުކޮށްފައެވެ.




