މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 18 ރަބަރު ޕެކެޓާއި ފައިސާތަކެއް ބޮކްސާތެރެއިން ފެނުމުން 10 ދުވަހަށް ފިރިހެނަކު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ، އިރުދޭމާގޭ / ޙުސައިން ރިޔާޒު (35އ.) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތިން ވިޔަފާރި ކުރާކަމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ރިޔާޒު ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅައިފައިވުމުންނެވެ.
އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުގައި އޭނާ ލައިގެންހުރި ބޮކްސާއާއި ހަށަގަނޑާ ދެމެދުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތް ފަރާތުގެ ފަހަތު ޖީބުން ފައިސާ ފެނިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި އަދި މިހާރު ވެސް ފަރުވާ ޕްރޮގްރާމުގައި ބައިވެރިވެ، ފުރިހަމަކުރަމުންދާ މީހެއްކަން ކޯޓުއަމުރުގައިވަނީ ފާހަގަކޮށްފައެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވާ އަންގާރަ ދުވަހުގައެވެ.



