ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސިޔާސީ ގޮތުން ހުންނަވަން ރަނގަޅީ ކޮން ބަޔަކާ އެކުގައި ކަން ކަނޑައަޅުއްވަން، ފަޅު ރަށެއްގައި ގިނިކަންޏާ އިންވައިގެން ވިސްނާ ވަޑައިގަންނަވަން އެދިލައްވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ޕީއެންސީން ރޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނަށް ނިސްބަތްކުރައްވައި ޔާމީން ދައްކަވާ ވާހަކަތަކާ ގުޅިގެން ފަލާހު ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހިންގާނެ އެންމެ ފުރިހަމައަށް ޕީއެންސީ ހިންގާތީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ތިބީ ހިތްހަމަޖެހިގެން ކަމަށެވެ. އެހެންވެ ޔާމީނާ ޖަދަލުކުރަން އެ ޕާޓީން ނޫޅޭ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
”އަަޅުގަނޑުމެން ނެތިން ޔާމިނަކާ ޖަދަލުކުރާކަށް. ޔާމީނު، އަޅުގަނޑު އެދެނީ ޖަމީލާ މަލީހާ ދެ ބޭފުޅުން ނުލާ ކޮންމެވެސް ގޮތަކުން ފަޅުރަށަކަށް ވަޑައިގަންނަވަން. ދެތިން ދުވަސްވަންދެން އެކަނި ތަނެއްގައި އިނދެގެން ވިސްނާލަން،“ ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ޔާމީނު ވިސްނާ ވަޑައިގަންނަވަންވީ ކުރިއަށް އޮތް ތަނުގައި ފައިދާ ބޮޑުވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުންތޯ ނުވަތަ އެމްޑީޕީ ވެރިކަމަށް އައިސްގެންތޯ ކަމަށެވެ.



