ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަންނާއި އެ މިނިސްޓްރީގެ ނައިބު އާމިނަތު އިބްރާހީމް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ރާއްޖޭގެ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި ޢިލްމީ ދިރާސާތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ އިސްލާމީ އުއްމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަންއޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަޤީދާއާއި ދީނީ ވަހުދަތު ހަރުދަނާކުރުމެވެ.
މިއަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ދެމިގެންދާގޮތަށް ހަރަކާތްތައް ރާވާލާފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދަށް ޚާއްސަ ހަރަކާތްތަކާއި، އަތޮޅުތެރެއަށް ޚާއްސަ ހަރަކާތްތައް ރާވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާމިނަތު އިބްރާހީމް ވިދާޅުވީ، ދުވަހާއި ގުޅިގެން މުޅި އަހަރަށް ބަހާލެވިގެން ގާތްގަނަޑަކަށް 15ވަރަކަށް ހަރަކާތް ރޭވިފައިވާކަމަށެވެ. އަދި މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަމަށް ވިދާޅުވިއެވެ.
”މުޅި އަހަރަށް ބަހާލެވިގެން 15ވަރަކަށް ހަރަކާތް ރޭވިފަ އެބައޮތް. މިއީ ހުރިހާ އުމުރުފުރައެއްގެ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ މހުންނަށް ބައިވެރިވެވޭގޮތަށް ތައްޔާރުކުރެވިފައިހުރި ޕްރޮގްރާމްތަކެއް“. އާމިނަތު އިބްރާހީމް ވިދާޅުވިއެވެ.


