ސަރުކާރު ރިފޯމްކުރުމުގެ ތެރެއިން ކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހިންގުން ރީފޯމްކޮށް، ހަރުދަނާ ކުރުމަށްޓަކައި މިއަދާހަމައަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމާއި މާޖްކުރުމާއި ބަދަލުކުރުންފަދަ ވަރަށް ގިނަ މަސައްކަތައް ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
”މީގެ ބޭނުމަކީ ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން، ކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުންގެ އަދަދު ބަދަލުކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.



