ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވާދަކުރައްވަންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭގައި ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވަން އެމަނިކުފާނަށް ތާއީދުކުރާ މީހުން މަދު ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މި ފަހަރުގެ ޕްރައިމަރީގައި ތާއީދު ކުރައްވާނީ ކުރިން ވެސް އިއުލާން ކުރައްވާފައިވާ ގޮތަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކަމަށެެވެ.
ޕްރައިމަރީގައި ޞާލިޙު ވާދަކުރެއްވިޔަސް ނަޝީދު ވާދަ ނުކުރައްވާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިޙު ކުރިމަތިލައްވަންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
”އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް އަޅުގަނޑު ތާއީދުކުރައްވާނީ ކުރިއްސުރެ ދެންނެވިހެން ފައްޔާޒަށް“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަަމަށް ނަޝީދު ވަޑައިގަނަންވަަން ”ބޮޑު ބަދަލު“ ގެ ނަމުގައި ހުށަހެޅުއްވި މެނިފެސްޓޯގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ފައްޔާޒަށް ހޯއްދަވައިދެއްވަން ތާއީދުކުރައްވައި، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވެއްޖެ ނަމަ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނެއެވެ.



