ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރަނީ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މަކަރާ ހިލާތުން ފައިސާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިއްޔެ އިލްތިމާސްކޮށްފިއެވެ.
މި ސްކޭމާ ގުޅޭ ތަހުގީގުތަކާ ގުޅޭ މައުލޫމާތު ފުލުހުންގެ ވެބްސައިޓުގައި އާންމު ކުރި ލިޔުމެއްގައި ވަނީ ޝާއިއުކޮށްފައެވެ.
ފުލުހުން ބުނީ މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުން ކަމަށެވެ.
އެގޮތުން ”ހުޅުމާލޭ ޑެއިލީ ރެންޓް އެޕާޓްމަންޓް“ ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން، މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ވެސް ތަހުގީގުން ވަނީ ފާހަގަ ކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ސްކޭމަރުން މިފަހަރު ދަނީ، މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯ އާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރު ކުރަމުންނެވެ.
”މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި ބުކިން ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރަންވެސް ފަށާ. އަދި ވަކި ބޭންކް އެކައުންޓްތަކަކަށް 2،550ރ. އާއި 10،000ރ.އާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ވެސް ބުނޭ“ ފުލުހުން ބުނެފައިވެއެވެ.
އިތުބާރު ހޯދުމުގެ ގޮތުން މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން، ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަ ނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފައިސާ ފޮނުވުމުން، ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދީ ހަދާކަން ފުލުހުން ފާހަގަ ކުރިއެވެ.


