ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ތިން މިނިސްޓްރީ ހިނގި އެ އިމާރާތުގައި ރޯވި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް ޔާމީން މީގެކުރިން ވަނީ، އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށާއި އެކަން ފުލުހުންނަށް ވެސް އެނގޭނެކަމަށް ތުހުމަތު ކުރައްވާފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މިދިޔަ ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އެމަނިކުފާނު މި މައްސަލައާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށްޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓެއް ހަވާލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އިއްޔެ 18:40 އެހައިކަންހާއިރު، ފުލުހުން ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް، ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންނުވާ ކަމަށް ޔާމީން ވިދާޅުވި ކަމަށް ވެސް ފުލުހުން ބުންޏެވެ.


