ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށް، އެ އޮފީހުގެ ގަވަނަންސް ކޯޑަށް އިއްޔެ ބަދަލު ގެނެސްފިއެވެ.
ކުރިން އަމަލުކުރަމުން އައި ގަވައިދު ބުނާގޮތުން، އެ އޮފީހުގެ ބޯޑުގައި ތިބެނީ އަށް މެންބަރުންނެވެ. ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް އެ އޮފީހުގެ މަސައްކަތްތައް ބަދަލަހައްޓަނީ، އެގްޒެކެޓިވް ބޯޑުންނެވެ.
އެކަމަކު، އިއްޔެ ގެޒެޓުކުރި ގަވަނަންސް ކޯޑުގައި ވަނީ، އެ އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށްފައެވެ. އެއީ، އެ ބޯޑުގެ ޗެއާޕާސަނާއި ޕްރައިވެޓް ސެކްޓާގެ ފަސް މެންބަރުންނާއި ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާގެ ސިވިލް ސާވިސް މުވައްޒަފެއްގެ ތެރެއިން ސީނިއާ މުވައްޒަފަކާއި، ޕަބްލިކް ފައިނޭންސްގެ ކަންކަން ބަލަހައްޓާ ވުޒާރާގެ ސީއެސްސީ މުވައްޒަފުންގެ ތެރެއިން ސީނިއާ މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީގެ ކަންކަން ކުރާ ވުޒާރާގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސީނިއާ މުވައްޒަފެއް ހިމެނޭ ގޮތަށެވެ.
ގަވަނަންސް ކޯޑަށް ގެނައި އިސްލާހާއެކު ވަނީ، ޕެންޝަން އޮފީހުގެ ދުވަހުން ދުވަހަށް ކުރާ ހިންގުމުގެ މަސައްކަތް ބަލަހައްޓާނީ، ސީއީއޯގެ ބެލުމުގެ ދަށުން ކަމަށް ކަނޑައަޅާފައެވެ. އަދި، އެ އޮފީހުގެ ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރާނީ، ސީއީއޯގެ އިރުޝާދާއި ބެލުމުގެ ދަށުން މެނޭޖުމަންޓުން ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
ޕެންޝަން އޮފީހުގެ ގަވަނަންސް ކޯޑަށް ބަދަލުތަކެއް ގެނައިއިރު، އެ އޮފީހުގެ ބޯޑުން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމި ނިންމުމަކާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރަން ބޯޑުން ވަނީ ނިންމާފައެވެ.



