ރާއްޖެއިން ސިއްހީ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައިވާތީ އަގުވަޒަން ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، (ޑަބްލިޔުއެޗްއޯ) އިން ޚާއްސަ އެވޯޑެއް ދީފިއެވެ.
މިކާމިޔާބީތައް ފާހަގަކޮށް ރާއްޖެއަށް އެވޯޑު ދީފައިވަނީ، މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.
އެގޮތުން ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފައިވަނީ، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ރާއްޖެއިން ހާސިލުކޮށްފައިވާތިއްޔާއި، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީއެވެ.
ދޮށީ އުމުރަށް ދިއުމުގެ ކުރިން ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގައި މަރުވާ މިންވަރު ނުވަތަ ޕްރީމެޗުއަރ މޯޓަލިޓީ، މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވަނީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިންނެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން މި ލަނޑުދަނޑި ހާސިލުކުރަން ކަނޑައަޅާފައިވަނީ، 2030 ވަނަ އަހަރަށެވެ. ނަމަވެސް ދިވެހިރާއްޖެއިން ސުންގަޑީގެ 4 އަހަރު ކުރިން ލަނޑުދަނޑި ހާސިލުކޮށްފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާއިން މިހާތަނަށް މި ލަނޑުދަނޑި ހާސިލުކުރި ހަމައެކަނި ޤައުމެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިން މިއެވޯޑާއި ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވީ، ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ. މިއެވޯޑު ދިވެހިރާއްޖެއަށް ހަވާލުކޮށްދެއްވީ، އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ.
މީގެ އިތުރުން، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީ، ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖޭގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށްފައެވެ.
މެޓާނަލް ޓެޓެނަސްއަކީ، މާބަނޑު ދުވަސްވަރު ނުވަތަ ވިހެމަށްފަހު މައިމީހާއަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމަށް މެދުވެރި ވަނީ، ވިހެއުމާއި އެނޫންވެސް ސިއްޚީ ފަރުވާތަކުގައި ސްޓްރައިލް ނުކުރާ އާލަތްތައް ބޭނުން ކުރުމުންނެވެ. އުފަންވާ ކުދިންނަށް މި ބަލި ޖެހެން މެދުވެރިވަނީ، ފޫޅު ކެނޑުމުގައި ސާފު ނުކުރާ އާލަތެއް ބޭނުން ކުރުމުންނެވެ.



