ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ، ކަށިސުތުލިގެ / އުމުރުން 46 އަހަރުގެ މުޙައްމަދު ޢިމާދެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހޯދަން އިއުލާނުކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ނެރުނު މި އިއުލާނުގައިވާ ގޮތުން، މުޙައްމަދު ޢިމާދު، ހާޒިރުކުރެވެނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.
ރާއްޖޭގައި މާލީ މުއާމަލާތްތަކާ ގުޅޭ ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުން ވަނީ ހާއްސަ އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށްފައެވެ. މި ސެންޓަރުން ދަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ތަހުގީގުކޮށް، އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުންނެވެ.


