މި އަހަރުގެ ފަހު ކުއާޓަރުގައި ސީޒަންއާ ދިމާކޮށް، ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުމުގެ ތެރެއިން ވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތައް ގުޅިގެން މި އަހަރު ފަހު ކުއާޓަރުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން މި އަހަރުގެ ފަހު ކުއާޓަރުގައި ހަތް އެއާލައިނަކުން ފަތުރުވެރިން ގެންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހަތް އެއާލައިނަކީ:
1. ރަޝިއާގެ އެއާލައިނެއް
2. ބަލްގޭރިއާގެ އެއާލައިނެއް
3. ވިއެޓްނާމްގެ އެއާލައިނެއް
4. އަރްމޭނިއާގެ އެއާލައިނެއް
5. އިތިއޯޕިއަން އެއާލައިން
6. ފާރާންސްގެ ފެރެސްއިން ފްރެންޗު ބީ
7. ކުވެއިތު އެއާވޭސް
”މިއީ އަޅުގަނޑުމެންގެ މާކެޓަށް އަންނަ ވަރަށް ބޮޑެތި އެޑިޝަންސް. އެހެންވީމަ، ވަރަށް ޔަގީން ކުރެވޭ ފަހު ސީޒަންއަކީ ވަރަށް ރަނގަޅު ސީޒަންއަކަށް ވެގެން ދާނެ ކަމަށް،“ މިނިސްޓަރު ވިދާޅުވިއެވެ.



