މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މިއީ ގެއެއްގއ ވެރިފަރާތަށް މިފަދަ ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާޒިމްގެ މައްޗަށެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް ކުރި ދައުވާގައި އޮންނަ ގޮތުން، އެ ގެއިން މަސްތުވާތަކެތި ގަންނަން ލިބޭކަން ފުލުހުންނަށް ތަފާތު އެކި ފަހަރު މަތިން އެނގުމުން، އެ ގެއަށް ގޮސް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު މީހުން ހައްޔަރުކޮށްފައިވެއެވެ.
އެގޮތުން އެ ގެއަކީ ނާޒިމްގެ ބެލުމުގެ ދަށުގައި ހުންނަ ގެއަކަށްވެފައި، 2014 ވަނަ އަހަރުން ފެށިގެން އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރެވޭކަން ގަބޫލުކުރެވޭ ހާލަތު ނުވަތަ ގަބޫލު ކުރެވޭ ވަރުގެ ފުރުސަތު އޮތް ކަމަށް ދައުވާގައިވެއެވެ.
މި ދައުވާއަށް އިންކާރުކޮށް ނާޒިމް ކޯޓުގައި ބުނެފައިވަނީ އެއީ އެހެން ދެ ކުއްޖަކަށް އޭނާ ކުއްޔަށް ދޫކޮށްފައި ހުރި ތަނެއް ކަމަށާއި އޭނާ ހުރި ވަގުތެއްގައި އެފަދަ ކަމެއް ކޮށްފައި ނެތް ކަމަށެވެ. އަދި ފުލުހުންނަށް އެ ތަން ބަލައި ފާސްކުރަން އެއްބާރުލުން ދީފައިވާ ކަމަށް ވެސް ނާޒިމް ބުންޏެވެ.
މި މައްސަލަ ބެއްލެވި ގާޒީ މިސްބާހު މުހައްމަދު ހެއްކާއި ގަރީނާ ވަޒަންކުރެއްވުމަށް ފަހު ކުރެއްވި ހުކުމުން އެނގޭ ގޮތުގައި، ޕެލިކަންގައި މަސްތުވާތަކެތި ބޭނުންކުރި މައްސަލަތަކެއްގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން 2020 ވަނަ އަހަރު އެކަން ހުއްޓުވުމަށް ނާޒިމަށް ވެސް ފުލުހުން ނޯޓިސް ފޮނުވާފައިވެއެވެ.
އޭރު ނޯޓިސް ދިން ފަހުން ވެސް އެ ތަން ކުއްޔަށް ދީފައިވަނީ އެއް ބަޔަކަށް ކަމަށާއި މި ދައުވާކުރުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހު ފުލުހުން އެ ގެ ބަލައި ފާސްކުރި އިރު ވެސް އެ އެޕާޓްމަންޓުން ފެނިފައިވަނީ އެއް ބައެއް ކަމުގައި ހުކުމުގައިވެއެވެ.
ފުލުހުން ތަކުރާރުކޮށް ނޯޓިސް ދިން އިރު ވެސް ކުލީގެ އެއްބަސްވުން ދަމަހައްޓާފައިވާތީ، އެ ތަނުގައި ހިންގަމުން ދިޔަ ކުށުގެ އަމަލަށް ނާޒިމް ފުރުސަތު ދީފައިވާ ކަމަށް ބަލަން ޖެހޭ ކަމަށް ގާޒީ ނިންމެވިއެވެ.





1 Comment
kobaa ފޮޓޯ