ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި ”ކްރޮސް ބޯޑަރ“ ފީ، މިރެއިން ފެށިގެން ނެގުން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ، މީގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
އިތުރު މައުލޫމާތު:
° އޮޕްޝަނަލް އިޝުއަރ ފީ އަކީ ކޮބައި؟
އޮޕްޝަނަލް އިޝުއަރ ފީ އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
ާ° މި ފީ ނަގާ ގޮތް:
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ. މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް ’އޮޕްޝަނަލް އިޝުއަރ ފީ‘ ގެ ގޮތުގައި ނަގައެވެ.
ކްރޮސް ބޯޑަރ ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބިއެމްއެލް ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުންދެއެވެ.



