ފަތުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލިން 97 މިލިއަނެއްހާ ޑޮލަރު ދައުލަތަށް ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ރިސޯޓު ވިޔަފާރިންގެ ތެރެއިން ގާތްގަނޑަކަށް %97 ވިޔަފާރިތަކަކީ، ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ދައުލަތަށް ދައްކަން ޖެހޭ ކުލިތަކާއި ޓެކްސްތައް ދައްކަމުންދާ ފަރާތްތައް ކަމަށެވެ. ނަމަވެސް ބާކީ އޮތް %3އެއްހާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
”މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ވަރަށް ރަނގަޅަށް ގާނޫނާއި ގަވައިދު ތެރެއިން ޓެކްސް އާއި ކުލި ދައްކަވާ. އެހެން ނަމަވެސް ގާތްގަނޑަކަށް 90 މިލިއަން ޑޮލަރަށްވުރެ މަތީގައި އެބަހުރި މަދު ފަރާތްތަކުން ނުދައްކާ އޮތް ފައިސާގެ އަދަދު. މީގެ ތެރޭގައި އެބަހުރި 2013އިން ފެށިގެން މިއައަށް އަމަލު ނުކުރާ ފަރާތްތައްވެސް،“ މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މި ފައިސާތައް ހޯދުމަށް އެ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެނަމަ، ދީފައި ހުރި ޓައިމްލައިންތަކާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



