އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ހުންނަ ބޯހިޔާވަހިކަމާ ގުޅޭ ދުވަސްވީ މައްސަލަތަކުގައި މީގެ ފަހުން އަމަލުކުރާނީ ބަންޑާރަ ނައިބްގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އިން އަންގާ ގޮތެއްގެ މަތިން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކަން އުޅުމުން އާންމުންގެ ނުރުހުން ބޮޑުވެފައިވަނިކޮށެވެ.
އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750ރ. އަށް ވިއްކަން ނިންމާފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެއީ 2003 ވަނަ އަހަރު ސަރުކާރުން ދޭން ނިންމުމަށް ފަހު ހަވާލުނުކޮށް އޮތް ބިމެއްގެ މައްސަލަ ނިންމުގެ ގޮތުން ވިއްކަން އުޅުނު ބިމެއް ކަމަށެވެ.
މި ނިންމުމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަމަލުކުރުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދެން އެފަދަ މައްސަލަތަކުގައި ގޮތް ނިންމާނީ ބަންޑާރަ ނައިބްގެ އޮފީހުގެ ދަށުން ހިންގާ އޮފީސް، ފޯ ސިވިލް ރައިޓްސް އިންނެވެ.



