ސަރުކާރު ސްކޫލްތަކާއި އަމިއްލަގޮތުން ހިންގާ ސްކޫލްތަކުން އޯލެވެލް އިމްތިހާނުގައި އިށީންނަ ދަރިވަރުން 4 މާއްދާއެއް މަޖްބޫރުކޮށް ހަދަން އެޑިއުކޭޝަނުން އަންގައިފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސަރުކާރު އަދި އަމިއްލަގޮތުން ހިންގާ ސްކޫލަތަކަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތައުލީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށެވެ.
މިސާކިއުލާގައިވާގޮތުންނަމަ، ގްރޭޑް 10 އާ އެކު ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ނަސްލުގެ ކޮންމެ ދަރިވަރަކަށް އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގައި މި ހަތަރު މާއްދާގައި ބައިވެރިވާން މަޖްބޫރުވާނެއެެވެ.
މި ސާކިއުލާއިން ހުރިހައި ކުދިން ޝާމިލްކޮށްގެން އުގަންނައިދޭ އުސޫލުގެ ތެރެއިން ތައުލީމު އުނގެނެމުންދާ ދަރިވަރުން އިސްތިސްނާ ވެއެވެ. އެޑިއުކޭޝަނުން ބުނެފައިވަނީ އެ ދަރިވަރުންގެ އިމްތިހާނާމެދު ގޮތެއް ކަނޑައަޅާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިންނެވެ. މި އުސޫލުގެ ދަށުން އާންމު ކްލާސްތަކުގަޔާއި، ސްކޫލްތަކުގައި ގާއިމުކޮށްފައިވާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް(ސެން) ކްލާސްތަކުގައި ދަރިވަރުން ތައުލީމު ހޯދައެވެ. މީގެތެރޭގައި އެކި ބާވާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ނަފުސާނީ ބަލިތަކާއި، އަދި ކިޔެވުމުގައި ދަތިތައް ކުރިމަތިވާ ކުދިން ހިމެނެއެވެ.
2020 ވަނަ އަހަރުވެސް އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ސާކިއުލާއެއް ނެރުނެވެ. އެޑިއުކޭޝަނުން މިއަދު ނެރުނު ސާކިއުލާއަކީ އެ ސާކިއުލާއާއި ގުޅުވައިގެން ނިންމާފައިވާ ނިންމުމެކެވެ.



