މާލެ ކައިރިން ރޭ އޮޔާ ގޮސް ސިނަމާލެ ބްރިޖްގައި ޖެހުނު ދެ ބޯޓް ރާއްޖޭގެ 30 ނޯޓިކަލް މޭލް ބޭރަށް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ރޭގައި ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ދެ ބޯޓަކީ ވަރަށް ބޮޑަށް ބާވެފައިވާ ދެ ބޯޓުކަމަށާއި އެހެންކަމުން ދިޔަވެގެން އަޑިއަށް ދިޔައީ ކަމަށެވެ. ނަމަވެސް އޭގައި ތިބި ފަޅުވެރިން ސަލާމަތް ކުރި ކަމަށެވެ.
ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު އޮޔާ ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާކަށް ހާއިރެވެ. ދެ ބޯޓު އޮޔާ ދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފައެވެ.
އޮޔާ ގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އަދި އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ދިޔަ އެވެ.
ސިނަމާލެ ބްރިޖް ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން މި ހާދިސާ ހިނގި ފަހުން ރެއިން ފެށިގެން ދަނީ ބްރިޖަށް ލިބިފައިވާ ގެއްލުންތައް ބަލަމުންކަން ވަނީ އެނގިފަ އެވެ.
މާލެ ކައިރިން ރޭ އޮޔާ ދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފުން އެރޭ ވަނީ ބުނެފަ އެވެ.



