ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ. މިނިސްޓަރު ވަނީ މި ބަދަލު އަންނަ އިރު މިކަމުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު ކުރިއަށްދާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަފީޢު ވަނީ، މިފަދަ މަހާސިންތާއެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެގޮޓުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް އިންވެސްޓް ކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްވެސް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ވާހަކަފުޅުގައި މިޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭއައި އެކި ކަންކަމުގައި ބޭނުން ކުރާ މިންވަރު އިތުރުވަމުންދާއިރު، މިއީ މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އެހެން ކަމުން މި ކޮންފަރެންސްގެ މަޤްޞަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމަށް ވެސް ވިދާޅުވިއެވެ. މިއާއެކު މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް ވެސް ގޮވާލެއްވިއެވެ.


