ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެއިން ފެށިގެން ކުރަމުންދާ ވިއްސާރައާ ގުޅިގެން އައްޑޫ ސިޓީގެ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައި ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުން އެބަދެއެވެ. އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
މި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވޏީ އިލްތިމާސް ކޮށްފައެވެ.



