ހިޖުރީގޮތުން މި ވޭތުވި 9 ގަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅިވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވިތާ މިއަދު 900 އަހަރު ފުރުމުން، މި ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ”އެކްސް“ މެދުވެެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން މި ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ.
”ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެން. އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲގެ މަގުގަައި ޖިހާދުކޮށްގެން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ހިޖުރީގޮތުން މި ވޭތުވި 9 ގަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމަށެވެ. އަދި މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”ﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން! މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ދަންނަވަން!“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.



