މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާއި ނޫސްވެރިން ތަމްރީނު ދަތުރެއްގައި ޕާކިސްތާނަށް މިއަދު ފުރައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ތަމްރީނު ދަތުރަކ،ީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނު ގެ އެމްބަސީއާއެކުވެފައިވާ މަޝްވަރާތަކުގެ ދަށުން އެ ޤައުމުން ދީފައިވާ ފުރުސަތެކެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ”އިންފޮރމޭޝަން ސަރވިސް އެކަޑަމީ“ ގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައ،ި މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވަނ،ީ ކައުންސިލުގެ ރައީސް އަޙްމަދު މުސްޠަފާގެ އިތުރުން މީޑިއާ ތަމްސީލުކުރައްވާ މެންބަރުންކަމުގައިވާ މެންބަރު މޫސާ ރަޝީދު، މެންބަރު މުޙައްމަދު ސިމާޢު އަދި މެންބަރު މުޙައްމަދު އަފްރާހެވެ. އަދި ނޫސްވެރިޔާ އިބްރާހިމް ސަނީހް ވެސް މި ދަތުރުގައި ބައިވެރިވެއެވެ.
މި ދަތުރުގައި ތަމްރީނުތަކުގެ އިތުރުން އެ ގައުމުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ އިސްވެރިންނާ ބައްދަލުކުރުމާއ،ި މީޑިއާއާ ގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރަތްކުރާނެކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
މީޑިއާ ކައުންސިލުން ބުނީ، ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއ،ި ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއ،ި އަދި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާން އެމްބަސެޑަރ ވައިސް އެޑްމިރަލް ރިޓަޔާޑް މުޙައްމަދު ފައްޔާޒް ގިލާނީއާ އެކު 12 މެއި 2024 ގައި މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.


