ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ލިންކް ރޯޑުގައި ފެންބޮޑުވެ، ހާލަތު ގޯސްވެފައިވާތީ، ޒަރޫރީ ބޭނުންތަކެއް ނޫން ގޮތެއްގައި އެ މަގު ބޭނުން ނުކުރުމަށް ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
މި ވިއްސާރައިގެ ސަބަބުން ދެކުނުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެންމެ ބޮޑަށް އެކަމުގެ އަސަރު ކޮށްފައިވަނީ އައްޑޫަ ސިޓީ އަށެވެ.
ކައުންސިލުން މިއަދު ހެނދުނު ކުރި އިއުލާނެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު އެންމެ ރަނގަޅީ އެ މަގު ބޭނުން ނުކުރުން ކަމަށް ކައުންސިލްގެ އިއުލާނުގައި ވެއެވެ.
އަޑިގުޑަން ހެދިފައިވާ ލިންކް ރޯޑުގެ އިތުރުން އައްޑޫގެ އެހެން މަގުތައް ބޭނުން ކުރުމުގައި ވެސް ސަމާލުވެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ސްޕީޑު މަޑުކޮށް ދުއްވަން ކައުންސިލުން ވަނީ އެދިފަ އެވެ.



