ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޒުން އުފެދިފައިވަނީ މި ދުވަސްވަރު ކަމަށާއި، މިހާރު ރާއްޖޭގައި 322 ޙާފިޒުން އެބަތިބި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭގައި ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި ޚާއްސަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމްގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، މި ވަގުތާ ހަމައަށް ރާއްޖޭގައި 322 ހާފިޒުން އެބަ ތިބި ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޒުންގެ އަދަދު 500 އަށް އިތުރުކުރުން ކަމަށެވެ.
މީގެ އިތުރުން ޙާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



