ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ސ. ފޭދޫގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އެގޮތުން މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާއިރު، 1 ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މީގެއިތުރުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.



