ސަރުކާރުގެ ކެބިނެޓްގައި މިހާރު ރުހުން ނުލިބި ތިއްބެވި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 29 ޖަނަވަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 3 ބޭފުޅުންގެ ނަންފުޅު، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފަ އެވެ. އަދި އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.
މި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންނަމަވެސް އެ މަޖިލީހުގައި މި މައްސަލަ ކުރިޔަށްގެންގޮސްފައެއް ނުވެއެވެ. އެހެންކަމުން މިހާރު ކުރިޔަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު މި ނިންމީ އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.
ރައީސް ރުހުން ހޯދަން އަލުން ފޮނުއްވި ކެބިނެޓްގެ ތިން މެންބަރުންނަކީ، ބަންޑާރަނައިބު އަހުމަދު އުޝާމްގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކެބިނެޓަށް ރުހުން ދިނުމަށް މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދެއްވިއިރު، މި ތިން ބޭފުޅުންނަށް ރުހުން ދެއްވާފައެއް ނުވެއެވެ. އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ތިން ބޭފުޅުން ވަޒީރުކަމަށް އަލުން އައްޔަނު ކުރައްވާފަ އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން މި ތިން ބޭފުޅުންނަށް ރުހުން ނުލިބުނު ކަމުގައިވީ ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މި ތިން ބޭފުޅުންނަށްވެސް ރުހުން ލިބޭނެކަން ކަށަވަރެވެ. އެއީ، ވަޒީރަކަށް ރުހުން ދިނުމަށް ވޯޓް ބޭނުންވާ އަދަަދަށްވުރެ ގިނަ ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރާ މެންބަރުން މިފަހަރުގެ މަޖިލީހުގައި ތިއްބެވުމުންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވެރިކަންކުރާ މައިޕާޓީ ޕީއެންސީއަށް ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެކެވެ. ޕީއެންސީ މެންބަރުން ފިޔަވައިވެސް ސަރުކާރަށް ތާއީދު ކުރާ އެހެން ތިން ޕާޓީއެއްގެ 4 މެންބަރުން އެބަތިއްބެވެ.



