މި ޖީލުގެ ތެރެއިން އުފެދޭ ޒުވާން އިމާމުންނަކީ، ކުރީގެ އިމާމުންނަށް ވުރެ އިލްމީ ގޮތުން މޮޅު ބަޔަކަށް ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭގައި ބޭއްވި ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާގައި މިނިސްޓަރު ޝަހީމު ވިދާޅުވީ، އިމާމުކަމާއި ޖަމާއަތްތެރިކަން ފަދަ ކަންކަމަށް ތަމްރީނު ޕްރޮގްރާމުތަކެއް ހުންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަންކަމަކީ މަތީ ފެންވަރުގެ ސެޓުފިކެޓެއް ބޭނުންވާކަމެއް ނޫން ކަމަށާއި ހުންނަން ޖެހެނީ އެ ކަމަށް އަހުލުވެރިކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިއަދު ޒުވާން ޖީލުގެ ތެރެއިން އުފެދިގެންމިދާ އިމާމުންނަކީ، ވޭތުވެދިޔަ އިމާމުންގެ ޖީލަށްވުރެ، އިލްމީ ގޮތުން މާ މޮޅު ބަޔަކަށް ވާނެ“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޖީލުގެ ތެރެއިން އުފެދޭ އިމާމުން އިލްމީ ގޮތުން މޮޅު ބަޔަކަށް ވަނީ ނިޒާމީ ތައުލީމުގެ ތެރެއިން މި ޒަމާނުގެ ތައުލީމާއި ތަރުބިއްޔަތާއި ގުރުއާނާއި ތަޖުވީދުގެ އިލްމާއި އިސްލާމީ ފިގުހު އޯލެވެލް ނުވަތަ އޭލެވެލް ފެންވަރަށް ކިޔާވަފައި އިމާމުންނަށް ވެވޭތީއެވެ.



