ކުޑަކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް އާންމުވެ ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެެއް ވީޑިއޯގައި ތިން ފިރިހެން ކުދިން ގުޅިގެން ކުޑަ ފިރިހެންކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ތަން ފެނެ އެވެ. އެ ކުއްޖާ ކައިރިން އެ އެންމެންގެ ފައިގައި އަތްލާ މާފަށް އެދުމަށް ވެސް ބުނެ އެވެ.
އެހެން ވީޑިއޯތަކުގައި ވެސް ފެންނަނީ އެ ކުއްޖާގެ މޫނުމަތީގައި ޖަހާ ތަނެވެ. އޭރު ވެސް އެ ކުއްޖާ ރޯތަން ފެނެ އެވެ.
އެ ވީޑިއޯތަކާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން ބުނީ އަޕާ ނޯތު ޕޮލިސް ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ ހާދިސާއާ ގުޅޭ ވީޑިއޯ އަދި ކުއްޖާ އައިޑެންޓިފައި ވެދާނެ ފަދަ އެއްވެސް މައުލޫމާތެއް، އާންމު ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.



