ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ސަރުކާރަށް ފުރިހަމަ އެއްްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.
މަޖިލީހުގެ ރައީސް މިފަދައިން ޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދެވި ބައްދަލުވުމެއްގަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަނީ މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
މިއީ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުވެވަޑައިގެންނެވި ފަހުން، ރައީސް ޑރ. މުއިއްޒު އެމަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.



