ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން އެއް ރޫހެއްގައި އަދި އެއް އާއިލާއެއްގައި ތިބެގެން ދިވެހި ގައުމު އިސްކޮށް، ޕާޓީ ކުރިއަށް ނެރެ، ލާމަސީލް މިސާލު ދައްކަން އެ ޕާޓީގެ މެމްބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިލައްވައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ޕީއެންސީ މަތީ މަޖިލިހުގައި ބައިވެރިވާ ހުރިހާ މަންދޫބުންނަށް މަރުހަބާ ދަންނަވާ ކަމަށާއި މިއަދަކީ ޕީއެންސީއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ މަންދޫބުން ސޯޝަލް ސެންޓަރަށް އައިސް ތިބީ ޕާޓީގެ ކުރިމަގު ބައްޓަން ކުރުމުގެ އިތުރުން ޕާޓީ އާއި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ މިންވަރުގައި ކަންކަން ފޯރުކޮށްދިނުމަށާއި ޕާޓީގެ ދައުރު ފުޅާކޮށް، އެކުގައި މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ. އެހެންވެ، މަތީ މަޖިލިހުގައި ހުރިހާ މެމްބަރުންގެ ބައިވެރިވުން ބޭނުންވާ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އެއީ ޝިއާރު ކަމުގައި ހަނދާނުގައި ބަހައްޓައިގެން ގައުމުގެ ގައުމުގެ ކުރިމަގަށްޓަކައި އަދި ޕާޓީގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކުރަން ޖެހޭ ކަންކަމުގައި ޕާޓީގެ މެމްބަރުން ވަރަށް ލާމަސީލް މިސާލުތަކެއް ދައްކާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
”ރާއްޖޭގެ ސިޔާސީ މައިދާން، މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ކަންކަމުގައި އަޅުގަނޑުމެން މިސާލު ދައްކާނެ ކަން އެއީ އަޅުގަނޑު ޔަގީންކުރާ ކަމެއް“ ރައީސް ވިދާޅުވިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.



