ރާއްޖޭން އެދިފައިވާ ގޮތަށް މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އަންވަރު ވިދާޅުވީ، ރާއްޖެއިން އެދުނު އެހެން ގިނަ އެހެން ކަންތައްތަކަށް ވެސް މެލޭޝިއާ ސަރުކާރުން އިޖާބާދޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކިބައިން ގިނަ ކަންތައްތަކެއް، ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނެވި އެވެ.
އޭގެ އެއް ކަމަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނިގަރާ މެލޭޝިއާ (އެމްއެންބީ) ގައި ރާއްޖޭގެ ސެންޓްރަލް ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެކެވެ. އަންވަރު ވިދާޅުވީ އެ ފެސިލިޓީ ހަމަޖައްސައިދޭން އެއްބަސްވެވަޑައިގެންފައިވާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކުން ވީ އެންމެ އަވަހަކަށް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްއެންބީން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދެނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ.
މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބެން ވިސާ ނުލިބޭ މައްސަލާގައި އޭނާ ވިދާޅުވީ އެއީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.



