މިދިޔަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު އަނބުރާ ހޯދުނީ، ތިން ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާހިސާބުތަކުން ދައްކައިފިއެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމްގެ 53 މައްސަލަ ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި ޖުމުލަ، 640،071.73 ރުފިޔާ ވަނީ ގެއްލިފައެވެ. ފުލުހުންނަށް އެ މުއްދަތުގައި އަނބުރާ ހޯދުނީ، 307285.54 ރުފިޔާއެވެ.
މިދިޔަ ހަފުތާގައި ސްކޭމްތައް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ހިމެނެނީ، އޮންލައިން މެސެޖިން މަންސަތަކާއި އައިބޭއާއި ޓިކްޓޮކާއި ފޯން ކޯލާއި ފިޝިން ލިންކުގެ އިތުރަށް ފޭސްބުކް މާކެޓް ޕްލޭސް ކަމުގައި ފުލުހުން ފާހަގަ ކޮށްފައިވެއެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްގެ މައްސަލަތަކެވެ. އެ ބާވަތުގެ 20 މައްސަލަ ހުށަހަޅާފައިވާއިރު، ފައިސާ މާރުކުރުމުގެ 11 މައްސަލައާއި ބުކިން ކެންސަލޭޝަން އަދި ރިފަންޑް ސްކޭމްގެ ނުވަ މައްސަލަ ހުށަހެޅިއެވެ.
މީގެ އިތުރުން، އިންވެސްޓުމަންޓާ ގުޅުންހުރި ހަތް މައްސަލައާއި އިންޕާސަނޭޝަންގެ ދެ މައްސަލައާއި އެހެނިހެން ހަތަރު މައްސަލަ މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ސްކޭމްތަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ގެއްލިފައިވަނީ މިދިޔަ މެއި މަހުގައެވެ. އެގޮތުން އެ މަހު ސްކޭމަރުން ވަނީ 2.27 މިލިއަން ރުފިޔާ އަތުލައިފައެވެ.



