ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅޭ ވަގުތު ކަނާތްތިލަ މޭމަތީގައި ބޭއްވުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ކަނޑައަޅާފައިވާ ރަސްމީ އުސޫލެއް ނޫންކަމަށް، ދިގު މުއްދަތަކަށް ރާއްޖޭގެ ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކުއްލި ގޮތަކަށް މި މައުޟޫޢަށް އެމަނިކުފާނު ވާހަކަފުޅުދެއްކެވީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
ދީނީ ޢިލްމުވެރިން ވެސް ވިދާޅުވަނީ މިފަދަ ކަންކަމަކީ ހުއްދެވެގެންވާނެ ކަންކަމެއް ނޫން ކަމަށެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޤައުމީ ސަލާމް އިވޭ ހިނދު މޭމަތީގައި އަތް ބޭއްވުމަކީ ޤައުމަށް އިޙްތިރާމް އަދާކުރުމުގެ ރަމްޒެކެވެ. މިއީ ޚާއްޞަކޮށް ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެށިގެން އައިސް، މިހާރު ދައުލަތުގެ އިސް ބޭފުޅުންގެ މެދުގައި ވެސް ޢާއްމުވެފައިވާ އާދައެކެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ރަސްމީ ޕްރޮޓޮކޯލް ނުވަތަ އަދަބުތައް އޮންނަ ގޮތުން، ޤައުމީ ސަލާމް ކިޔާއިރު ހުންނަން ވާނީ ދެއަތް ތިރިއަށް ދޫކޮށްލައިގެން ސީދަލަށެވެ. އަދި ސަލާމަތީ ބާރުތަކުން ޔުނީފޯމުގައި ތިބޭނަމަ އަދާކުރަންޖެހޭނީ ރަސްމީ ސެލިއުޓެކެވެ.



