މި ސަރުކާރު ހަވާލުވިތާ ތިން އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައި މަސްތުވާތަކެތީގެ 23 މައްސަލައެއް މަނީ ލޯންޑަރިންގެ ގޮތުގައި ތަހުގީގުކޮށްފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން އިއްޔެ ހަވީރު އޮތް ދަންފަޅީގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގާނޫނުން އޭރު އެކަށީގެންވާ ތަނެއް ނެތް ކަމަށެވެ.
މަސްތުވާތަކެތީގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް ފަހު ސަޕްލައިކޮށް މީހުންނަށް ބަހާ ބެހުން ހުއްޓުވުމާއި މަސްތުވާތަކެއްޗަށް ދެވިހިފައިފައި ތިބި މީހުން ދުރުކުރުމަށްޓަކައި ސަރުކާރުން ބައެއް ފިޔަވަޅުތައް އަޅައިފައިވާ ކަން އިހުސާން ފާހަގަކުރެއްވިއެވެ.
”ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ އެންމެ ހަރުކަށި އަދަބޭ، އެއީ މަރުގެ އަދަބޭ، ދިވެހިރާއްޖެއަށް ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވަކި އަދަދަކަށް ވުރެ މަތިން ވެއްޖިއްޔާ އަދި ދޭނީ މަރުގެ އަދަބޭ، އެ ޑިސިޝަން ނަންގަވައިފައި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ސަޕޯޓާ އެކުގައި މިހާރު އެ އޮތީ ގާނޫނަށް އެ ބަދަލު ގެނެސްފަ“ ހޯމްލޭންޑް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ އެއާއެކު އިޙްސާން ވަނީ، އިންތިޚާބެއް ގާތްވާ ކޮންމެ ފަހަރަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކޮންމެ ބަޔަކު ސިޔާސީވެރިންނާ ވާހަކަ ދައްކައި ޖަލުން މިނިވަންވާ ކަން ފާހަގަކުރައްވައިފައެވެ. ދެން އަންނަ ސަރުކާރަކުން ވެސް އައިސް އެ މީހުން ހައްޔަރުކުރުމަށްފަހު ކޮންމެ އިންތިޚާބަކާ ދިމާކޮށް އަލުން ދޫކޮށްލާކަން އޭނާ ފާހަގަކުރެއްވިއެވެ.



