ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައި، އެ ދަރަނި އެއްކޮށް މި ސަރުކާރުން ޚަލާޞްކޮށްފިއެވެ.
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ނެގި މި ފެސިލިޓީ އަނބުރާ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމުގައި ފިނޭންސުން ބުންޏެވެ.
އެގޮތުން މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައި ކަމަށް ފިނޭންސުން ބުންޏެވެ.
ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްެރީން ނެރުނު ބަޔާނެއްގައި ވަނީ ދީފައެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށް ފިނޭންސުން ފާހަގަކުރެއެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ. ޒިންމާދާރުކަމާއެކު ދަރަނި މެނޭޖުކުރުމާއި، ގައުމީ ރިޒާވް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުއްޓުމެއްނެތް ގޮތުގައި ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.



