ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ވާދަކުރެއްވުމަށް، ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ނުބާއްވާ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން ޕީއެންސީގެ ކޮންގްރެސްއަށް މި ގަރާރު ހުށަހަޅާފައި ވަނީ އެ ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމެވެ.
ގަރާރާ މެދު ގޮތެއް ނިންމަން އަތް އުފުލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުން ވަނީ އެ ގަރާރު ފާސްކޮށްފައެވެ.
އެ ގަރާރުގައިވާ ގޮތުން ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެފައި ދެވަނަ ދައުރަކަށް ކުރިމަތިލާން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ ޕްރައިމަރީއަކާ ނުލައި ވެސް ޓިކެޓް ދެވޭނެ ކަމަށް ޕީއެންސީގެ އަސާސީ ގަވައިދުގައި ވެއެވެ.
ހަމައެއާއެކު ގަރާރުގައި ވަނީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރައިމެރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓު ދޭންޖެހޭ ކަމަށެވެ.
އެ ގަރާރުގައި ރައީސަށް ޓިކެޓު އަރުވަންޖެހޭ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
° ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވައި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރެއްވުމުން.
° ރައްޔިތުންނަށް ދަތި ނުވާނޭހެން ގައުމުގެ ދަރަނިތައް އަދާކުރައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ޒަމާނީކޮށް އިގްތިސާދު ސިންދަފާތުކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް.
° ”ރަސްމާލެ“ ފަދަ ބިޔަ މަޝްރޫއުތަކާއެކު ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، ޑިޖިޓަލް އިގްތިސާދާއި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުން.
° ދިވެހި ގައުމިއްޔަތާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމާއެކު، ދިވެހި ގައުމު އިސްކުރާ ޚާރިޖީ ސިޔާސަތެއްގެ ދަށުން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރެއްވުން.




