އިންޑިއާގެ ކޮޗިން އިން ފުރައިގެން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ގައުމީ އެއާލައިން ”މޯލްޑިވިއަން“ގެ މަތިންދާބޯޓަކަށް އިއްޔެ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދަތުރު ނުކުރެވި އެ ސިޓީގައި ތާށިވި ހުރިހާ ދިވެހި ފަސިންޖަރުން މިއަދު މާލެ ގެނެސްދީފިއެވެ.
މޯލްޑިވިއަން އިން އެ ހުރިހާ ފަސިންޖަރުން މާލެ ގެނައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
އިއްޔެ ކެންސަލް ކުރަން ޖެހުނު މި ދަތުރަކީ މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓަކުން ކުރުމަށް ތާވަލުކުރެވިފައި އޮތް ދަތުރެކެވެ. ބޯޓަށް ދިމާވީ ސީދާ ކޮން ބާވަތެއްގެ މައްސަލައެއްކަން އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ފަސިންޖަރުންނަށް ދިމާވި ދަތިތައް ހައްލުކޮށް، މިއަދު ހަމަ އެ މަރުކާގެ ބޯޓެއްގައި އެންމެން ވަނީ ރާއްޖެ ގެނެސްފައެވެ.
ބޭސްފަރުވާއަށާއި އެކިކަހަލަ ވިޔަފާރި ބޭނުންތަކުގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ވެސް ގިނަ އަދަދެއްގެ ދިވެހިން ގަވާއިދުން ދަތުރުކުރާ ކޮޗިން އަކީ ދިވެހިންގެ މެދުގައި ވަރަށް މަޝްހޫރު މަންޒިލެކެވެ.
މޯލްޑިވިއަން އިން އެންމެ ފުރަތަމަ މި ސިޓީއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހުއެވެ.



