ރާއްޖޭގެ ގާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ކުރާ ކޮންމެ މީހަކަށް ވެސް ގާނޫނު ތަންފީޒުވާން ޖެހޭނެ ކަމަށާއި، ކުށްކުރާ މީހަކަށް އަދަބު ދިނުމުގައި އެއީ ކާކުތޯ، އަދި ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރޭގައި ރައީސް ވިދާޅުވީ، ޢަދުލުވެރިކަމާ އެކީގައި ވެރިކަން ކުރަންޏާ ޝަރުޢީ ދާއިރާ އޮންނަން ޖެހޭނީ މިނިވަންކޮށް ކަމަށެވެ.
”ރާއްޖޭގެ ގާނޫނުތަކުގައި ކުށްގެ ގޮތުގަ ކަނޑައެޅިގައިވާ ކުށެއް ކުށްކުރާ ފަރާތްތަކަށް ރޫލް އޮފް ލޯ އެޕްލައިވާން ޖެހޭނެ. އެކަން ނުކޮށް ދޫކޮށްލުމަކީ އަދުލުވެރިވުމެއް ނޫން. އެހެން ވީމަ އަޅުގަނޑު މި ގައުމުގައި ފުރިހަމަ މާނާގައި އަދުލުވެރިކަން ގާއިމްކުރާނަން. އޭގެ މާނައަކީ ކުށްކުރާ މީހަކަށް ކުށުގެ އަދަބު ލިބޭނެ، އެމީހާ އަކީ ކާކުތޯއެއް ނުބަލާނެ، އެއީ ކާކުގެ ދަރިއެއްތޯ ނުވަތަ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ އެއް ނުބަލާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ވެރިކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ވަރަށް ބޮޑު އަމާނާތަކާއި ޒިންމާއެއް ކަމަށާއި، އެ ޒިންމާ އަދާކުރައްވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަރަށް ތެދުވެރިކަމާ އެކު ކަމަށެވެ.


